ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގަތީ މާލެ ކޮމާޝަލް ހާބަރުން މި މަހުގެ ފަސްވަނަ ދުވަހުއެވެ.
ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަނުގައި ޖުމްލަ 1،940 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، 2024 ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން ވަނީ މުޅިން މަނާކޮށްފައެވެ.
މީގެ އިތުރުން “ޖެނެރޭޝަން ބޭން” ސިޔާސަތުގެ ދަށުން، ޖެނުއަރީ 2007 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ގަތުމަކީ މުޅި އުމުރަށް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ ހާއްސަ އިސްކަމުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.
ވޭޕާ ގުޅޭ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވޭޕްގެ ބާވަތެއް ވިއްކައިފި ނަމަ ނުވަތަ ހިލޭ ބަހައިފި ނަމަ 20,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ވިއްކާ ކޮންމެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާއިރު، ވޭޕް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
ކުޑަކުދިންނަށް ވޭޕްގެ އުފެއްދުންތައް ވިއްކާ ނުވަތަ ހިލޭ ބަހާ ފަރާތްތަކަށް އަދަބު އިތުރަށް ހަރުކަށިވާނެއެވެ. އެފަދަ ފަރާތްތައް އާންމު ޖޫރިމަނާގެ އިތުރުން 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.



