ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި އަހްމަދު އާދަމް (ޕީޓްރަލް އަހްމަދުބެ) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވަނީ، 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މި ދާއިރާގައި މަސައްކަތްކުރެއްވި އަހްމަދުބެގެ އާއިލާއަށާއި މައްޗަންގޮޅީގެ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕީޓްރަލް އަހްމަދުބެ ސިފަކުރައްވާފައިވަނީ “ހިތްޕުޅު ހެޔޮ، ހުލްގު ރަނގަޅު އަދި ހީވާގި” ބޭފުޅެއްގެ ގޮތުގައެވެ. އަދި އޭނާއަކީ އިޖުތިމާއީ ހިދުމަތުގައި ތަޖުރިބާކާރު ނަމޫނާ ޝަހުސިއްޔަތެއް ކަމަށާއި، ހާއްސަކޮށް މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް އޭނާ ކޮށްދެއްވި މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.
ޕީޓްރަލް އަހްމަދުބެއަކީ މާލޭގެ މަޝްހޫރު “ގުރާބުތުނޑި ހޮޓާ” އަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބުނު “ހޮޓެލް ޕީޓްރަލް” އުފެއްދެވި ބާނީއެވެ. ކޭޓަރިން ދާއިރާގައި ނަމޫނާ ދެއްކެވި އަހްމަދުބެ ވަނީ ސަރުކާރުގެ ބޮޑެތި އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދެއްވާފައެވެ. މީގެ އިތުރުން 70 ގެ އަހަރުތަކުން ފެށިގެން ލޮނުމަސް އެޅުން ފަދަ ދިވެހި އުފެއްދުންތައް ކުރިއެރުވުމުގައިވެސް އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
އިޖުތިމާއީ އަދި އިގްތިސާދީ މަސައްކަތްތަކުގެ އިތުރުން، ކުޅިވަރުގެ ދާއިރާއަށްވެސް އަހްމަދުބެ ވަނީ އަގުހުރި އެހީތަކެއް ވެދެއްވާފައެވެ. އެގޮތުން ކްލަބް ލެގޫންސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް އޭނާ ވެދެއްވި އެހީތެރިކަން ރައީސްގެ މެސެޖުގައި ހާއްސަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. ރައީސް ވަނީ މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.



