ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް އީރާނުން ކުރަމުންދާ މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، އެކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކޮށްގެން ނުވާނެ ކަމަށް ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިއެމްއޯ) ގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ. މިފަދަ ފީއެއް ނެގުމަށް އީރާނުން ބާރުއަޅަމުންދަނީ އެމެރިކާއާއެކު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުތަކުން ފީ ނުވަތަ ޓޯލް ނެގުމުގެ ހައްގު އެއްވެސް ގައުމަކަށް ލިބިގެން ނުވާ ކަމަށެވެ. އެއްވެސް ބާވަތެއްގެ ފީއެއް ތައާރަފުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ޑޮމިންގޭޒް ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތަކަކީ ދުނިޔޭގެ ކަނޑުދަތުރުފަތުރަށް އޮތް ނުރައްކަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގައި އެމެރިކާ އާއި އީރާނުގެ އޮފިޝަލުންގެ މެދުގައި ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތައް އެއްބަސްވުމަކަށް ނާދެވި އާދިއްތަ ދުވަހު ވަނީ ނިމިފައެވެ. އެމެރިކާގެ ވައިސް ޕްރެޒިޑެންޓް ޖޭޑީ ވެންސް ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އެމެރިކާއިން ހުށަހެޅި ޝަރުތުތަކަށް އީރާނުން އެއްބަސްވެފައި ނުވާ ކަމަށެވެ. އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެއްބަސްވުމަކަށް ނާދެވުނީ އެމެރިކާގެ “ބޮޑާ” ހުށަހެޅުންތަކުގެ ސަބަބުންނެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އިއުލާންކޮށްފައިވީ ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރު ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. މީގެ ސަބަބުން ގަލްފް ސަރަހައްދުން ތެލާއި ގޭސް ބޭރުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެސް އެންޑް ޕީ ގްލޯބަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ކުރިން ދުވާލަކު 135 އުޅަނދު ދަތުރުކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މި ދަނޑިވަޅުގައި އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އީރާނުން އަތުރާފައިވާ މައިންތައް ނައްތާލުމަށް ދެ މަނަވަރެއް ކަނޑުއޮޅިއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އީރާނުން ވަނީ އެ ސަރަހައްދުގައި މައިން ހުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ އެއްބާރުލުން ލިބުނަސް ނުލިބުނަސް، ވަރަށް އަވަހަށް ކަނޑުއޮޅި ހުޅުވާލާނެ ކަމަށެވެ.



