2026 އޭޕްރިލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ޢާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި ލިސްޓު މިހާރު ދިވެހިސަރުކާރުގެ ގެޒެޓާއި އެ ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. މީގެ އިތުރުން 1414 އަށް އެސް.އެމް.އެސް ކޮށްގެން ވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2026 އޭޕްރީލް 12 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 ގެ ނިޔަލަށެވެ. ޝަކުވާ ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ އެ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.
އިތުރު ބުރުގެ ވޯޓުލުމުގައި ބައިވެރިވެވޭނީ 2026 އޭޕްރީލް 4 ގައި ބޭއްވުނު އިންތިޚާބުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން، އޭގެ ފަހުން 18 އަހަރު ފުރުމުގެ ސަބަބުން ލިސްޓަށް އަލަށް އިތުރުވި ފަރާތްތަކަށް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
ކޮމިޝަނުން އިތުރަށް ބުނެފައިވަނީ ރަޖިސްޓަރީގައިވާ މަޢުލޫމާތަކަށް ބަދަލު ގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ކޮމިޝަނުގެ ހޮޓްލައިން 1414 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.



