ހޮރްމުޒް ކަނޑު އޮޅި އާއި އީރާނުގެ ހުރިހާ ބަނދަރުތަކަކާއި އައްސޭރިފަށުގެ ސަރަހައްދުތައް ހިސާރުކޮށް، ބަންދުކުރަން ފަށާނެކަން އެމެރިކާގެ އަސްކަރިއްޔާއިން އިއުލާނުކޮށްފިއެވެ. މި ނިންމުން އިއުލާނުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން މި ފިޔަވަޅު އަޅަން ނިންމީ ޕާކިސްތާނުގައި ކުރިއަށްދިޔަ އެމެރިކާ-އީރާން ސުލްހައިގެ ވާހަކަތައް އެއްވެސް އެއްބަސްވުމަކަށް ނާދެވި ނިމުމާ ގުޅިގެންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، މި ހިސާރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
ސެންޓްކޮމް އިން ބުނި ގޮތުގައި މި ހިސާރުގެ ދަށުން އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ ގައުމެއްގެ އުޅަނދުފަހަރު ހުއްޓުވޭނެއެވެ. ނަމަވެސް، އީރާނުގެ ބަނދަރުތަކަށް ނޫން ގޮތަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ފުރުސަތު ދެވޭނެ ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ. މިއީ މުޅި ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވި ވިދާޅުވުމަށް ގެނައި ކުޑަ ބަދަލެކެވެ.
މި ނިންމުމާއެކު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެމެރިކާގެ މި ފިޔަވަޅަކީ އީރާނުން ސިއްރިއްޔާތުގައި ބޭރުކުރާ ތެލުގެ މުއާމަލާތްތައް ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި އިއުލާނާ ގުޅިގެން ތެލުގެ އަގު ވަނީ 7 އިންސައްތައާއި 8 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. އެގޮތުން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ވަނީ 102.29 ޑޮލަރަށް އަރާފައެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން އީރާނުގެ އިސް އޮފިޝަލުން ވަނީ ހަރުކަށި އިންޒާރުތަކެއް ދީފައެވެ. އީރާނުގެ އަސްކަރީ މުޝީރު މުހުސިން ރޭޒާއީ ވިދާޅުވީ “ތިޔަބައިމީހުން ހަނގުރާމަ ކުރާނަމަ، އަހަރެމެންވެސް ހަނގުރާމަ ކުރާނެން” ކަމަށެވެ. އީރާނުން ވަނީ އެމެރިކާގެ ހިސާރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައެވެ.



