މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 45.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާއިން އާންމުކޮށްފައިވާ މާރިޗު މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 27,420,050 ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ލިބިފައިވަނީ 23,591,401 ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 16.2 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖޭގައި މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19,527.90 ރުފިޔާއެވެ. މި އަދަދަށް ނިސާބު ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 21 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ކުރިން ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 11,191.95 ރުފިޔާއެވެ.
މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރާއި އެއާ ގުޅޭ އިތުރު ތަފްސީލުތައް މީރާގެ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.



