އެމެރިކާގައި ލުބުނާނާއި އިސްރާއީލާ ދެމެދު ސީދާކޮށް ކުރިއަށްގެންދާ މަޝްވަރާތަކަށް ހިޒްބުالله އިން ދެކޮޅު ހަދައި، އެ މަޝްވަރާތަކުން ނިކުންނަ އެއްވެސް ނިންމުމަކަށް ނުވަތަ އެއްބަސްވުމަކަށް އެ ޖަމާއަތުން އަމަލު ނުކުރާނެ ކަމަށް ހިޒްބުاللهގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ހިޒްބުاللهގެ ސިޔާސީ ކައުންސިލްގެ އިސް މެންބަރެއް ކަމަށްވާ ވަފީގް ސަފާ މިހެން ވިދާޅުވީ، ވޮޝިންގޓަންގައި ލުބުނާނާއި އިސްރާއީލުގެ ސަފީރުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ވަގުތާ ދިމާކޮށެވެ. މިއީ އެތައް އަހަރަކަށްފަހު ޑިޕްލޮމެޓިކް ގުޅުން ނެތް މި ދެ ގައުމުގެ މަންދޫބުން ސީދާކޮށް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
“ލުބުނާނާއި އިސްރާއީލާ ދެމެދު ކުރެވޭ މި މަޝްވަރާތަކުގެ ނަތީޖާއާ މެދު އަހަރެމެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް، އަދި އެއީ އަހަރެމެން ކަންބޮޑުވާ ކަމެއްވެސް ނޫން،” ސަފާ ވިދާޅުވިއެވެ.
ލުބުނާނުގެ އޮފިޝަލުން މި މަޝްވަރާތަކުގެ ބޭނުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުން ކަމަށް ބުނާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވަމުން ގެންދަވަނީ އަމާޒަކީ ހިޒްބުالله ހަތިޔާރު އެޅުން ހުއްޓުވުން ކަމަށެވެ. ނަތަންޔާހޫގެ ތަރުޖަމާނު ޝޯޝް ބެޑްރޯސިއަން މިއަދު ވިދާޅުވީ ހިޒްބުالله އާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
މީގެ އިތުރުން، އެމެރިކާއާއި އީރާނާ ދެމެދު ޕާކިސްތާނުގައި ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތަކުގައި، ލުބުނާނުގެ މައްސަލަ ހިމެނުމަށް އީރާނުން މަސައްކަތް ކުރި ނަމަވެސް، އެމެރިކާއާއި އިސްރާއީލުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މިދިޔަ ބުދަ ދުވަހު ތެހެރާނާއި ވޮޝިންގޓަނުން ހަމަލާ ހުއްޓާލުމުގެ ވާހަކަތަކެއް އިއުލާނުކުރި ނަމަވެސް، އިސްރާއީލުން ވަނީ ބެއިރޫތުގެ އެކި ސަރަހައްދުތަކަށް 100 އަށްވުރެ ގިނަ ހަމަލާ ދީފައެވެ.
ވަފީގް ސަފާ ވިދާޅުވި ގޮތުގައި، އެމެރިކާއާއި އީރާނުގެ މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމުނު ނަމަވެސް، ބެއިރޫތުގެ މައި ސަރަހައްދުތަކާއި ހިޒްބުاللهގެ ބާރުގަދަ ދާހިޔާ ސަރަހައްދަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ޔަގީންކަން އީރާނަށް ލިބިފައިވާ ކަމުގެ މައުލޫމާތު ހިޒްބުالله އަށް ވަނީ ލިބިފައެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން ބެއިރޫތަށް ދޭ ހަމަލާތައް މެދުކެނޑިފައިވީ ނަމަވެސް، ލުބުނާނުގެ ދެކުނުގައި ވަރުގަދަ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ.



