ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ކެންޑިޑޭޓުން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ހާއްސަ ހަފްލާއެއް ބާއްވަން ނިންމައިފިއެވެ.
މި ހަފްލާއަކީ ހއ. މުރައިދޫ ކޮންގްރެސް ޕާޓީގެ މެންބަރުން އިސްނަގައިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މި އިންތިޚާބުގައި މުރައިދޫން ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ އެ ރަށުގެ ތާރީޚުގައިވެސް ނުދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މިފަހަރުގެ އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން މުރައިދޫ ކައުންސިލްގެ 3 ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ 2 ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މިއީ އެ ރަށުގެ ސިޔާސީ މަސްރަހުގައި ޕީއެންސީން ހޯދި ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރެއެވެ.
މިރޭ ބާއްވާ މި ޚާއްޞަ ޙަފްލާއަށް ޕީއެންސީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުންނަށް މުރައިދޫ ކޮންގްރެސް ޕާޓީގެ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ. މި ހަފްލާގައި އިންތިޚާބުވި ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ.



