އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެ ގައުމުން ބޭރުކުރުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން ބުނާ ބުނުންތައް އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ތަރުޖަމާނު އިބްރާހިމް ރެޒާއީ ދޮގުކުރައްވައިފިއެވެ. ރެޒާއީ ވިދާޅުވީ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ގައުމުން ބޭރުކުރުމަށް ތެހެރާނުން އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެ ކަމަށާއި، އެފަދަ ކަމެއް އެ ގައުމުން ގަބޫލުވެސް ނުކުރާނެ ކަމަށެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ރެޒާއީ ވިދާޅުވީ، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް ނުވަތަ އެ ގައުމުގެ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމް މެދުކަނޑާލުމަށް ކުރެވޭ އެއްވެސް މަޝްވަރާއަކަށް ތެހެރާނުން ސީދާ ގޮތެއްގައި އިންކާރު ކުރާ ކަމަށެވެ. އަދި މިއީ އެ ގައުމުގެ އިސްތިރާޖީ ރަތް ރޮނގެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އީރާނުން އެ ގައުމުގެ ޔުރޭނިއަމް ރިޒާވް އެމެރިކާއާ ހަވާލުކުރާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އެމެރިކާއަށް ހުރިހާ ނިއުކްލިއާ ބާރުތަކެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، މުއްސަނދިކޮށްފައިވާ ޔުރޭނިއަމަކީ އީރާނުގެ ފަސްގަނޑު ފަދައިން އެ ގައުމަށް މުގައްދަސް އެއްޗެއް ކަމަށެވެ. ތަސްނީމް ނިއުސް އެޖެންސީއަށް ދެއްވި ބަޔާނެއްގައި ބަގާއީ ވިދާޅުވީ، އެއްވެސް ހާލަތެއްގައި ޔުރޭނިއަމް އެހެން ތަނަކަށް ބަދަލެއް ނުކުރެވޭނެ ކަމަށެވެ.



