މި މަހުގެ 12 އިން 18 އަށް ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 43
އިންސައްތަ ރިކަވާކޮށްދީފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ހަފުތާގައި ޖުމުލަ ސްކޭމްގެ 41 މައްސަލަ ހުށަހެޅިފައިވާ އިރު، ޖުމުލަ ގެއްލުމުގެ އަދަދަކީ 496،383.50 ރުފިޔާއެވެ. އޭގެ ތެރެއިން 211،684.50 ރުފިޔާ ފުލުހުން ވަނީ ރިކަވާކޮށްފައެވެ. ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމް މައްސަލަތަކެވެ. އެ ބާވަތުގެ 21 މައްސަލައެއް ހުށަހެޅިފައިވެއެވެ. އޭގެ އިތުރުން އިމްޕާސަނޭޝަން ނުވަތަ އެހެން މީހެއް ކަމަށް ހެދިގެން ހިންގި ސްކޭމްގެ 9 މައްސަލައަކާއި ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ 3 މައްސަލައަކާއި ފިޝިން، ވިޝިން އަދި ވަޒީފާގެ ސްކޭމްގެ 1 މައްސަލައެއް ހިމެނެއެވެ. ބާކީ 8 މައްސަލައަކީ އެ ނޫން އެހެނިހެން ބާވަތުގެ ސްކޭމް މައްސަލަތަކެވެ.

މި ސްކޭމްތައް ހިންގާފައިވަނީ ވައިބާ، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެސެޖިން ޕްލެޓްފޯމްތަކާއި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސް އަދި ފޯން ކޯލްތަކާއި ނުދަންނަ ލިންކުތައް މެދުވެރިކޮށް ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް، އޮންލައިންކޮށް ވިޔަފާރިކުރާ އިރު ތަކެތި ލިބުމުގެ ކުރިން ޕޭމަންޓް ނުދެއްކުމަށާއި، ބޭންކު ނުވަތަ ސަރުކާރު އިދާރާއެއް ކަމަށް ބުނެ ގުޅާ ފަރާތްތަކާ އޯ.ޓީ.ޕީ އަދި ޕިން ފަދަ މައުލޫމާތު ހިއްސާ ނުކުރުމަށާއި، ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސްކޭމެއް ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަވަހަށް ރިޕޯޓު ކުރުމަކީ ގެއްލުނު ފައިސާ ރިކަވާ ކުރެވުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.



