ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބާއްވައިފިއެވެ. މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، މިއަހަރުގެ ސިފައިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރު ކަމުގައިވާ “އަސްކަރީ އަޚުލާޤު – ސިފައިންގެ ކުރިއެރުން” މި ޝިއާރު ދިފާޢީ ވަޒީރު ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ. މިއީ ސިފައިންގެ އަސްކަރީ ސުލޫކާއި ކުރިއެރުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.
ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި އެކި ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ނިމިގެންދިޔައީ ޚާއްޞަ ދުޢާއަކާއި ސިފައިންގެ ލަވައިންނެވެ. މާލޭގެ އިތުރުން، ސިފައިންގެ އޭރިއާ ކޮމާންޑްތައް ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒުތަކެއްގައި ވެސް މިއަދު ވަނީ ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ.



