ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް އެތެރެކުރި ބަންގްލަދޭޝްގެ ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ޝިފުލް އާއި 32 އަހަރުގެ ސަޖިބް ނަމަކަށް ކިޔާ ދެ ބިދޭސީންނެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެ އައި ވަގުތު، އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަސްޓަމްސް އިން އެމީހުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި މި ދެމީހުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1،105 ގުރާމް ހުއްޓެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުން ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އެމީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



