ހައްޖުގެ ރަސްމީ ހުއްދަ ނެތި ހައްޖުގެ އަޅުކަން އަދާކުރުމަށް ނުވަތަ އެކަމަށް މަސައްކަތްކުރާ ފަރާތްތަކަށް ވިޒިޓް ވިސާ ހޯދައިދޭ ފަރާތްތައް 100,000 ސައުދީ ރިޔާލް (26,600 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން އިއްޔެ އިއުލާނުކޮށްފިއެވެ.
ސައުދީ ސަރުކާރުން ހާމަކުރި ގޮތުގައި، މި ޖޫރިމަނާ އަމާޒުވަނީ ހުއްދަ ނެތި މައްކާއަށާއި މުގައްދަސް ބިނާތަކަށް ވަންނަ ނުވަތަ އެތަންތަނުގައި މަޑުކުރާ މީހުންނަށް ވިސާ ހޯދައިދޭ ފަރާތްތަކަށެވެ. އަދި މި ޖޫރިމަނާގެ އަދަދު އިތުރުވަމުންދާނީ ގަވާއިދާ ހިލާފުވާ ކޮންމެ މީހެއްގެ ނިސްބަތުން ކަމަށްވެސް މިނިސްޓްރީން ވަނީ ހޮނިހިރު ދުވަހު ބުނެފައެވެ.
މިނިސްޓްރީން ވަނީ ހައްޖު މޫސުމުގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި މި އުސޫލުތަކާ ހިލާފުވާ ކޮންމެ ފަރާތަކަށް ގާނޫނީ ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓްކުރުމަށްވެސް ސައުދީ ސަރުކާރުން ވަނީ އެދިފައެވެ. އެގޮތުން މައްކާ، މަދީނާ، ރިޔާދު އަދި އިރުމަތީ ސަރަހައްދުތަކުން 911 އަށް ގުޅައިގެން ނުވަތަ ރާއްޖޭގެ އެހެން ސަރަހައްދުތަކުން 999 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ފާހަގަކުރި ގޮތުގައި، ރަސްމީ ހައްޖު ހުއްދައަށް ބޯލެނބުމަކީ ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް އެންމެ މުހިންމު އަސާސެވެ. ހުއްދަ ދޫކުރުމުގެ ނިޒާމަކީ މީހުން ގިނަވުން ކޮންޓްރޯލް ކުރުމަށާއި، މުގައްދަސް ބިނާތަކަށް މީހުން ބެހިގެންދާ ގޮތް ބެލެހެއްޓުމަށް އެކުލަވާލާފައިވާ މުހިންމު ނިޒާމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ގަވާއިދުތަކާ ހިލާފުވުމަކީ ހަމައެކަނި ގާނޫނީ އަދަބު ލިބޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ހައްޖުގެ އަޅުކަމުގެ ސަލާމަތީ ކަންކަމަށާއި ހިދުމަތްތަކުގެ ފެންވަރަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



