ބޭރުގެ އެހީގައި ގާއިމުކުރަން ކުރިން ނިންމާފައިވާ ނަފުސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް، ބޭރުގެ ލޯނު ލިބުން ލަސްވާތީ ސަރުކާރުގެ ސީދާ ބަޖެޓުން ހަރަދުކޮށްގެން މާލޭގައި އެޅުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރުގެ ލޯނު އެހީގައި މި މަޝްރޫއު ކުރިއަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ލޯނު ހަމަޖެހުމުގެ މަރުހަލާ ދިގުލައިގެން ދިއުމުގެ ސަބަބުން މަސައްކަތް ފެށުން ލަސްވަމުންދާ ކަމަށެވެ. އަދި ނަފުސާނީ ބަލިތަކުގެ މައްސަލައަކީ އިތުރު އެހީތެރިކަން ބޭނުންވާ މިންވަރަށް ގޮސްފައިވާ ކަމަކަށްވާތީ، ސަރުކާރުން މިހާރު ވަނީ ދައުލަތުގެ ބަޖެޓުން މި ހޮސްޕިޓަލް އެޅުމަށް ނިންމާފައެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އާސަންދައިގެ ދަށުން 10,954 މީހުން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. މީގެ ތެރެއިން 8,125 މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުން ކަމަށްވާތީ، ހޮސްޕިޓަލް ގާއިމުކުރުމަށް ނިންމާފައިވަނީ މާލޭގައެވެ. މީގެ ކުރިން މި ހޮސްޕިޓަލް އެޅުމަށް މަޝްވަރާ ކުރެވިފައިވަނީ ލާމު އަތޮޅުގައެވެ.
“ނަމަވެސް އެ ޕްރޮސީޖާ ދިގުކަމުން މީގެން ލޯނެއް ހަމަޖެހިގެން މި ކަހަލަ އެއްވެސް ޕްރޮޖެކްޓެއް ނުފެށި ލަސްވަމުން ދާތީ… އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ސީދާ ބަޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ،” ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ބިޑިން އަދި ޕްރޮކިއުމަންޓް މަސައްކަތްތައް އަވަހަށް ފަށައި، އަމަލީ މަސައްކަތް އަވަސްކުރުމެވެ. އަދި މިކަމަށް ހޯދަން މަސައްކަތްކުރި ލޯނު ފެސިލިޓީ، ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



