އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މި މަހުގެ 27 ވަނަ ދުވަހު ދޫނިދޫގައި ނައްތާލައިފިއެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިފެހެއްޓިފައިވާ ތަކެއްޗެވެ.
ނައްތާލި ތަކެތީގެ ތެރޭގައި 4690 ރަބަރު ޕެކެޓާއި، 2768 ސެލޯފިންކޮޅާއި، 335 ފިލްމު ހުސްކުރި ދަޅުގެ އިތުރުން 462 ބުލެޓާއި 3437 މަނާ ބޭސްގުޅަ ހިމެނެއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި 1809 އެހެނިހެން އައިޓަމްތައް ވެސް ވަނީ ނައްތާލާފައެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. މި މަސައްކަތުގެ ދެފުށް ފެންނަ މިންވަރު ކަށަވަރުކުރުމުގެ ގޮތުން، ތަކެތި ނައްތާލުމުގެ ތެރޭގައި ނޫސްވެރިންނާއި އާންމު ރައްޔިތުން ވެސް ބައިވެރިވެފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، އުސޫލުތަކަށް ގެނެވުނު ބަދަލާއެކު މިހާރު މަސްތުވާތަކެތި ގިނަ ދުވަހު ބެހެއްޓުމުގެ ބަދަލުގައި، ތަހުގީގަށް ބޭނުންވާ މިންވަރު ބެހެއްޓުމަށްފަހު ބާކީ ހުންނަ ތަކެތި ވީ އެންމެ އަވަހަކަށް ނައްތާލަމުންދާނެއެވެ.



