މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ސަރުކާރުން ކުރި މަސައްކަތުން ޖެޓް ފިއުލްގެ އަގު ކުޑަކުރެވިފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާއިރު، ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް އެމްއޭސީއެލްއާއެކު ކުރެވުނު މަޝްވަރާތަކުން މިހާރު ޖެޓް ފިއުލްގެ ކޮންމެ ލީޓަރަކުން 24 ސެންޓް ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލާއެކު ދެން ޖެޓް ފިއުލް ލީޓަރެއް ވިއްކާނީ 1.44 ޑޮލަރަށެވެ.
“އެހެންވީމަ މީގެއިން މި ދައްކައިދެނީ އަޅުގަނޑުމެންނަށް ހަނގުރާމައިގެ ހާލަތު ބަދަލުވެ، މިޑްލްއީސްޓްގެ ކޮރިޑޯތައް ހުޅުވެމުންދާ ވަރަކަށް އަޅުގަނޑުމެން ރާއްޖެއަށް ވަމުންދިޔަ ގެއްލުން އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި، ކުރިއަށް އޮތް ހަފުތާ ނޫނީ ދެ ހަފުތާ ނޫނީ ތިން ހަފުތާ ހިސާބުގައި އަޅުގަނޑުމެންނަށް އަލިކަމެއް ފެންނާނެ ކަމުގެ ނިޝާންތައް،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ދަތި ދަނޑިވަޅެއްގައިވެސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ. އެމްއޭސީއެލްއަށް ބޭނުންވާ ޖެޓް ފިއުލް އެންމެ ގިނައިން އެތެރެކުރަނީ އެސްޓީއޯ މެދުވެރިކޮށް އޮމާނުންނެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކާއެކުވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ. މި ބަދަލަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ލިބިގެންދާނެ ބޮޑު ލުޔެއްގެ ގޮތުގައި ބެލެވެއެވެ.



