ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ.
ޕީއެންސީން ވަނީ އެ މަޤާމަށް ފިރުޒުލް އައްޔަނު ކުރެއްވުމާ ގުޅިގެން އޭނާއަށް އިޚްލާޞްތެރި ތަހުނިޔާއާއި މަރުޙަބާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައިގެން ހިންގަވާ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ހިންގުން ވަރުގަދަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މި ދުވަސްވަރު ދަނީ ކުރަމުންނެވެ.

މި ބަދަލުތަކުގެ ތެރެއިން ދާދިފަހުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން އެ މަޤާމުގައި ހުންނެވި މުއާޒް އިސްތިއުފާ ދެއްވުމުން އުސްތާޛު މޫސާ ފަތުހީ ވަނީ އައްޔަން ކުރައްވާފައެވެ.
މީގެ ކުރިން ޕީއެންސީގައި ވަކި ޚާއްޞަ ތަރުޖަމާނަކު ހަމަޖައްސާފައެއް ނުވެއެވެ. ނަމަވެސް ޕާޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މިހާރު މިވަނީ ދާއިމީ ތަރުޖަމާނަކު އައްޔަނުކުރައްވާފައެވެ.
ފިރުޒުލްއަކީ މީގެ ކުރިން ވެސް މިފަދަ މުހިންމު ޒިންމާތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޢިއްޒު ކާމިޔާބު ކުރެއްވުމަށްފަހު، އިންތިޤާލީ މަރުޙަލާގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނުކަން އޭނާ ވަނީ ކުރައްވާފައެވެ. މީގެ އިތުރުން، އެކި އިންތިޚާބުތަކާ ގުޅިގެން ޕީއެންސީގެ ތަރުޖަމާނުކަން ވަގުތީ ގޮތުން ވެސް ފިރުޒުލް މީގެ ކުރިން އެކި ފަހަރުމަތިން އަދާކުރައްވާފައިވެއެވެ.



