ޓައިވާނަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ހައްގު ޓައިވާނަށް އޮންނާނެ ކަމަށް އެ ގައުމުގެ ރައީސް ލައި ޗިންގް-ޓޭ ވިދާޅުވެއްޖެއެވެ. ރައީސް ލައި މިހެން ވިދާޅުވީ އެފްރިކާގެ ގައުމެއް ކަމަށްވާ އެސްވާޓީނީއަށް ކުރެއްވި ކުއްލި ދަތުރުފުޅެއްގައި އެ ގައުމުގެ ރަސްގެފާނު އެމްސްވާޓީ III އާ ބައްދަލުކުރައްވައެވެ.
މި ދަތުރުފުޅަކީ ކުރިން އިއުލާނު ކުރުމެއް ނެތި ކުރެއްވި ދަތުރުފުޅެކެވެ. ޓައިވާނުން ބުނާ ގޮތުގައި މި ދަތުރުފުޅު ކުރިން އިއުލާނު ނުކުރީ ޗައިނާއިން ކުރިމަތިކޮށްފާނެ ހުރަސްތަކަކުން ސަލާމަތްވުމަށެވެ. މީގެ ކުރިން ލައި އެސްވާޓީނީއަށް ކުރައްވަން އުޅުނު ދަތުރުފުޅެއްގައި، އިންޑިއާ ކަނޑުގެ ތިން ގައުމަކުން ޓައިވާނުގެ މަތިންދާބޯޓު ދަތުރުކުރުމުގެ ހުއްދަ ކެންސަލް ކުރީ ޗައިނާގެ ނުފޫޒުން ކަމަށް ޓައިވާނުން ވަނީ ތުހުމަތުކޮށްފައެވެ.
ރައީސް ލައިގެ މި ދަތުރުފުޅާ ގުޅިގެން ޗައިނާއިން ވަނީ ވަރަށް ބޮޑަށް ކޯފާވެ، އޭނާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ. ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުން ނެރުނު ބަޔާނެއްގައި، ލައި އެސްވާޓީނީއަށް ވަޑައިގަތީ ސިއްރުން ކަމަށް ބުނެ، އޭނާއަކީ “މީދަލެއް” ފަދަ މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެކެވެ.
އެސްވާޓީނީގެ ރަސްގެފާނާ ބައްދަލުކުރައްވައި ލައި ވިދާޅުވީ، ޓައިވާނުގެ 23 މިލިއަން ރައްޔިތުންނަށް ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ ހައްގު އެބައޮތް ކަމަށާއި، އެއްވެސް ގައުމަކަށް އެކަން ހުއްޓުވުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވެ. އެސްވާޓީނީއަކީ ޓައިވާނާއެކު ރަސްމީ ސިޔާސީ ގުޅުން ބާއްވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.
މި ދަތުރުފުޅަކީ އެސްވާޓީނީގެ ރަސްގެފާނު ތަޚުތަށް އިސްވެވަޑައިގަތްތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ދަތުރުފުޅެކެވެ. ޓައިވާނުގެ ސަލާމަތީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ދަތުރު ނިމުމުން ނޫނީ ދަތުރުގެ މައުލޫމާތު ހާމަނުކުރުމަކީ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވުމަށް ބޭނުންކުރާ ހިކުމަތްތެރި އުކުޅެކެވެ.



