2026 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ދުނިޔޭގެ އެހެން ޤައުމުތަކާ އެކު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ މައިބަދައިގެ ގޮތުގައި ޚިދުމަތް ކުރަމުންދާ އެތައް ހާސް ނަރުހުންނަކަށް މިއަދު ޚާއްޞަ ސަމާލުކަމެއް ދެވިގެންދެއެވެ.
މާލޭގެ ކިއުބާރު ބޮޑު ހޮސްޕިޓަލްތަކުން ފެށިގެން، ދުރު ރަށްރަށުގައި ގާއިމުކޮށްފައިވާ ޞިއްޙީ މަރުކަޒުތަކާ ހަމައަށް، ނަރުހުން ދަނީ ބަލިމީހުންނަށް ފަރުވާދިނުމުގެ އެންމެ ކުރީ ސަފުގައި، ރޭދުވާ ނުބަލައި، ފުރާނަ ސަލާމަތްކުރުމަށާއި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ.
މި އަހަރުގެ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ޝިއާރު ކަމަށްވާ، “އަޅުގަނޑުމެންގެ ނަރުހުން، އަޅުގަނޑުމެންގެ ކުރިމަގު- ބާރުވެރި ނަރުހުން ފުރާނަ ސަލާމަތްކޮށްދޭ” މި ޝިއާރުން އަލިއަޅުވާލަނީ ހަމައެކަނި ޞިއްޙީ ނިޒާމަށް ނޫން ކަމަށާއި، ޤައުމުތަކުގެ ކުރިއެރުމާއި ލާބައަށް ނަރުހުން ކޮށްދޭ އަގުނުކުރެވޭފަދަ ޚިދުމަތްތަކަށެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ރާއްޖޭގައި މިވަގުތު ޖުމްލަ 3,907 ނަރުހުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދެއެވެ. މީގެ ތެރޭގައި ހިމެނެނީ 3,593 އަންހެން ނަރުހުންނާއި 314 ފިރިހެން ނަރުހުންނެވެ. މިއީ ބަލިމީހުންނަށް ފަރުވާދިނުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ތެރެއިން 64 އިންސައްތަ (2,503) ނަރުހުންނަކީ ދިވެހިންނެވެ. އަދި ބާކީ 36 އިންސައްތަ (1,404) އަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެމީހުންގެ ހުނަރާއި ޚިދުމަތް ފޯރުކޮށްދެމުންދާ ބޭރުގެ ނަރުހުންނެވެ.
މި ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް ޚިދުމަތްތައް ވަނީ ހަމަހަމައަށް ބެހިފައެވެ. ނަރުހުންގެ 49 އިންސައްތަ (1,918) އަތޮޅުތެރޭގައި ޚިދުމަތް ކުރަމުންދާއިރު، 51 އިންސައްތަ (1,989) ނަރުހުން މަސައްކަތް ކުރަނީ ގްރޭޓަރ މާލެ ސަރަޙައްދުގައެވެ.
ހެލްތް މިނިސްޓްރީން ބުނިގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ނަރުހުންގެ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތުން އެންމެ މުހިންމު އެއް ފިޔަވަޅަކީ 2018 ވަނަ އަހަރު “ނާސިންގ ކޭޑަރ” އުފެއްދުމެވެ. މީގެ މަޤްޞަދަކީ މި ދާއިރާ ރޭވުންތެރިކަމާއެކު އިންތިޒާމުކޮށް، ވަޒީފާގެ ކުރިއެރުން ހޯދޭނެ ސާފު މަގުތަކެއް ކަނޑައެޅުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މި އޮނިގަނޑާ އެކު، ނަރުހުންގެ ކެރިއަރ ޕާތުވޭއާއި މުސާރައިގެ އޮނިގަނޑަށް ގެނެވުނު އިޞްލާޙުތަކުގެ ސަބަބުން، ނަރުހުންނަށް ފަންނީ ގޮތުން ކުރިއަށް ދިއުމުގެ ފުރުޞަތުތަކާއި އެކަށީގެންވާ ބަލައިގަތުން ލިބުމަށް މަގުފަހިވެގެންދިޔައެވެ. އަދި މި ކުރިއެރުންތަކުގެ ސަބަބުން މި ދާއިރާ ހަރުދަނާވުމުގެ އިތުރުން، ގިނަ ބަޔަކު ދާއިމީ ވަޒީފާއެއްގެ ގޮތުގައި ނަރުސްކަން އިޚްތިޔާރު ކުރުމަށް ހިތްވަރު ލިބިގެންދިޔައެވެ.
ޞިއްޙީ ބޭނުންތައް ބަދަލުވަމުންދާ މިންވަރަށް ބަލައި، ރާއްޖެއިން މިހާރު ވަނީ ނަރުހުން ޚާއްޞަ ދާއިރާތަކުން ތަމްރީނުކުރުމަށް އިސްކަންދީފައެވެ. މިގޮތުން ހިތުގެ ބަލިތަކަށް ފަރުވާދޭ “ކާޑިއެކް ކެއަރ” އާއި ނާރުގެ ބަލިތަކަށް ފަރުވާދޭ “ނިއުރޯ ކެއަރ” ފަދަ ޚާއްޞަ ދާއިރާތަކުން މަތީ ފަންތީގެ ތަމްރީނު ފުރުޞަތުތައް މިހާރު ނަރުހުންނަށް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ ސަބަބުން ބަލިމީހުންނަށް ފެންވަރު ރަނގަޅު، ޒަމާނީ ފަރުވާ ދިނުމުގެ ޤާބިލުކަން ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ކަށަވަރުކުރުމަށްޓަކައި، ފަންނީ މިންގަނޑުތަކާއި، ލައިސަންސް ދިނުމާއި، ރެގިއުލޭޓް ކުރުމާ ގުޅޭ ނިޒާމުތައް ވަނީ އިތުރަށް ހަރުދަނާކޮށްފައިވާކަން ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
ހަމައެއާއެކު، ޤައުމީ ޞިއްޙީ ނިޒާމު ތަރައްޤީކުރުމުގައި ނަރުހުންގެ ތަޖުރިބާއާއި ވިސްނުމަކީ މުހިންމު އެއްޗެއްކަން ބަލައިގަނެ، އިސް މަޤާމުތަކުގައާއި ޞިއްޙީ ސިޔާސަތުތައް އެކުލަވާލުމުގައި ނަރުހުންގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.
ނަރުސްކަމަކީ ދުނިޔޭގައިވެސް އެންމެ ބުރަ އެއް މަސައްކަތް ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. ސިއްހީ ފަރުވާގެ އިތުރުން، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ދިމާވާ އެންމެ ދަތުރު އުނދަގޫ ވަގުތުތަކުގައި، ނަރުހުން ފޯރުކޮށްދޭ ނަފްސާނީ އެހީތެރިކަމާއި، ހިތްވަރާއި، އޯގާތެރިކަމަކީ ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެކެވެ.
ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ހަރަކާތްތެރިވުމާއި، ބަލިމީހުންނަށް ހިތްހަމަޖެހުން ހޯދައިދިނުމާއި، އަދި ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާއިރުވެސް، ނަރުހުން ދައްކުވައިދެނީ ނުގުޑާފަދަ ސާބިތުކަމާއި ހިތްވަރެވެ.
ދުނިޔެއަށް ކުރިމަތިވި ސިއްހީ ބޮޑެތި ކާރިސާތަކުގައި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ނަރުހުން ސާބިތުކަމާއެކު އެންމެ ކުރީ ސަފުގައި ކުރި މަސައްކަތުން އެމީހުންގެ މުހިންމުކަން ވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ.
ހެލްތް މިނިސްޓްރީން ހާމަކުރިގޮތުގައި ސަރުކާރުގެ އަމާޒަކީ ނަރުސްކަމަކީ ކުރިއެރުމާއި ތަރައްގީގެ ފުރުސަތުތައް އޮތް، އިހުތިރާމް ލިބިގެންވާ ފަންނެއްގެ ގޮތުގައި ދެމެހެއްޓުމެވެ.
ނަރުހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ތައުލީމާއި، އަދި ވަޒީފާގެ ކުރިއެރުމަށް ކުރެވޭ ކޮންމެ ހޭދައަކީ، އެންމެ ފަހުން ދިވެހި ރައްޔިތުންގެ ސިއްހަތަށާއި ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓެކެވެ.
2026 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރާއިރު، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ކުރައްވާ ހުރިހާ ނަރުހުން ކުރައްވާ ބުރަ މަސައްކަތާއި، ވަމުންދާ ގުރުބާނީއާއި، އަދި ދެއްވާ އޯގާތެރި ޚިދުމަތަށް މުޅި ގައުމުގެ ނަމުގައި އިޚުލާސްތެރި ޝުކުރު އަދާކުރަމެވެ.
ނަރުހުންގެ ޚިދުމަތަކީ އިންސާނީ ފުރާނަ ސަލާމަތްކޮށްދީ، މުޖުތަމައުތައް ބާރުވެރިކުރުވައި، އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ބައްޓަންކޮށްދޭ މުހިންމު އަސާސެކެވެ.



