ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި 40 އަށްވުރެ ގިނަ ގައުމު ގުޅިގެން ހިންގުމަށް ރާވާފައިވާ ބައިނަލްއަގުވާމީ މިޝަންގައި ބައިވެރިވާނެކަން އޮސްޓްރޭލިއާއިން އިއުލާންކޮށްފިއެވެ. މިކަން ހާމަކުރެއްވީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސްއެވެ.
މިނިސްޓަރު މާލްސް ވިދާޅުވި ގޮތުގައި، މި މިޝަންއަކީ މިނިވަން އަދި ހަމައެކަނި ދިފާއީ ބޭނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން އިސްވެ އޮވެ ހިންގާ މި މިޝަންގައި ބައިވެރިވުމަށް އޮސްޓްރޭލިއާއިން ނިންމީ، ހޮރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
މި މިޝަންގެ ދަށުން އޮސްޓްރޭލިއާއިން ފޯރުކޮށްދޭނީ އެ ގައުމުގެ އީ-7އޭ ވެޖްޓެއިލް މަރުކާގެ ސަވައިލަންސް މަތިންދާބޯޓެކެވެ. މި ބޯޓުގެ އެހީގައި ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބަލަހައްޓައި، ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
މިނިސްޓަރު މާލްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބޭނުންވަނީ ހަމަނުޖެހުންތައް ނިމުމަކަށް އައިސް، ހޮރްމުޒް ކަނޑުއޮޅި ހުޅުވި، ދަތުރުފަތުރުގެ މިނިވަންކަން އަލުން ގާއިމުވުން ކަމަށެވެ. އަދި މި ހަމަނުޖެހުންތައް ދިގުލައިގެން ދާނަމަ، އޭގެ ނޭދެވޭ އަސަރު އޮސްޓްރޭލިއާއަށް ކުރާނެ މިންވަރު އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މިޝަންއާ ގުޅޭގޮތުން މާލްސް ވަނީ 40 އަށްވުރެ ގިނަ ގައުމުގެ މަންދޫބުންނާ މަޝްވަރާކުރައްވައި، ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑިޕްލޮމެޓިކް، އިގްތިސާދީ އަދި އަސްކަރީ ގޮތުން ދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.



