އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ކުރީގެ ތިން ރައީސުން އެކުވެގެން ހޯދި ނަތީޖާއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަނި ހޯއްދެވި ނަތީޖާއާ ދެމެދު އޮތީ އެންމެ 62 ވޯޓުގެ ތަފާތެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި މި ނަތީޖާ ޕީއެންސީން ހޯދީ މީގެ ކުރިން އެމްޑީޕީ ސަރުކާރުން ބައި-އިލެކްޝަންތަކުގައި އަމަލުކުރި ގޮތަށް ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެންނެއް ނޫނެވެ. ޚާއްޞަކޮށް ކޮމަންޑޫ އާއި ގުރައިދޫ ދާއިރާގެ އިންތިޚާބުތަކުގައި މުޅި ދައުލަތް އޮއްސާލި ފަދައިން، ނުވަތަ އާސަންދަ އާއި އެންސްޕާގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ކެމްޕޭނަށް ވަޑައިގެންނެވި ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
“ރައީސް ޔާމީން އިންނެވީ ގޭގައި ކޯލްސެންޓަރ ހައްދަވައިގެން ރައްޔިތުންނަށް ގުޅަން. ރައީސް ނަޝީދާއި ރައީސް ސޯލިހް ހިތަދޫ ޑޯޓު-ޑޯ ހިންގެވުމުގައި،” ޝުޖާއު އެކްސްގައި ލިޔުއްވާފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު އެ ވަގުތު ހޭދަކުރެއްވީ އެ ތިން ރައީސުން ނެންގެވި ލޯނުތައް ދައްކަވައި، ގައުމުގެ އިގްތިސާދީ ރޭޓިން ރަނގަޅު ކުރެއްވުމުގެ މަސައްކަތުގައި ކަމަށެވެ.



