ސަރުކާރުގެ މާލީ ވަޒީރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މިކަން މިނިސްޓްރީ އޮފް ފިނޭންސް އިން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
މޫސާ ޒަމީރު މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުވި ނަމަވެސް، އެމަނިކުފާނު މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވި ސީދާ ސަބަބެއް މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވީއިރު ޒަމީރު އައްޔަންކުރީ ހާރިޖީ ވަޒީރުގެ މަގާމަށެވެ. އެކަމަކު، އޭރު މާލީ ވަޒީރުކަމުގެ ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާދެއްވުމުން ދެން އެ މަގާމަށް އައްޔަންކުރެއްވީ ޒަމީރެވެ.
ވަޒީރުކަމުގެ މަގާމުގެ އިތުރުން، ޒަމީރު ވަނީ ސަރުކާރުގެ މުހިންމު އެހެން ޒިންމާތަކެއްވެސް އުފުއްލަވާފައެވެ. އެގޮތުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ، އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތް ނިންމުމަށް ރައީސް އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ މުގައްރިރުކަން ކުރެއްވީވެސް ޒަމީރެވެ. މީގެ އިތުރުން އޭނާ ހުންނެވީ ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމުގައެވެ.



