މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުކަމުގެ މަޤާމަށް ޙަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ. މި މަޤާމަށް އޭނާ އައްޔަންކުރައްވައި، މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ޒަރީރަށް ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ޒަރީރު ވަނީ ސޮއިކުރައްވާފައެވެ. ޒަރީރު މި މަޤާމަށް އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މާލީ ވަޒީރުކަމަށް އައްޔަންކުރެއްވި ޙަސަން ޒަރީރަކީ މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމާއި ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައެވެ. ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ފިނޭންސް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ރާއްޖޭގެ މާލީ ޙާލަތު ދަތި ދަނޑިވަޅެއްގައި ޒަރީރު މި މަޤާމާ ޙަވާލުވެވަޑައިގަންނަވާއިރު، ރާއްޖޭގެ ދަރަނި އަދާކުރުމާއި ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރީގެ ވަޒީރު މޫސާ ޒަމީރުގެ ދައުރުގައި ފެށި އިޞްލާޙީ ފިޔަވަޅުތަކާއެކު ރާއްޖޭގެ މާލީ އިޢުތިބާރު އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.



