ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކްގެ ހިދުމަތް ދޭ ވަގުތުތައް އެ ހޮސްޕިޓަލުން އިތުރުކޮށްފިއެވެ. ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށް މި ކްލިނިކުން މިހާރު ހިދުމަތް ލިބޭނެއެވެ. މި ކްލިނިކް ހުންނާނީ އެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައެވެ.
ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކްލިނިކަށް ހިދުމަތް ހޯދަން ދާއިރު މާސްކު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.
ބަލި ފެތުރުން ކުޑަކުރުމުގެ ގޮތުން އެޗްޕީއޭއިން އިތުރަށް އެދިފައިވަނީ، ހައްޖުވެރިން ގެއަށް ދިއުމަށްފަހު ބަލީގެ ހާލަތު ގޯސްވެދާނެ ފަދަ މީހުންނާ ދުރުހެލިވުމަށެވެ. މީގެ ތެރޭގައި ހާއްސަކޮށް މާބަނޑު މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން ފަދަ ބަލިތަކަށް ނާޒުކު މީހުންނާ ގާތް ނުވުމަށް ވަނީ އަންގާފައެވެ. މިއީ ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށްޓަކައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.



