ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މީސްމީޑިއާގެ މަންސަ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ފުން ހިތާމައިގެ ވަގުތުގައި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭކަލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މަރުޙޫމްގެ ފުރާނައަށް ހެޔޮ ދުޢާ ކުރައްވަމުންނެވެ.



