2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރޭ ހިއުސްޓަންގައި ކުޅުނު މެޗުގައި އުޒްބެކިސްތާން އަތުން 5-0 ގެ ބޮޑު މޮޅެއް ޕޯޗުގަލް ހޯދިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ތާރީޚީ ރެކޯޑެއް ގާއިމްކޮށްފިއެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ހަވަނަ މިނެޓުގައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑުތަކާއެކު ރޮނާލްޑޯ ވެފައިވަނީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި ޖެހިޖެހިގެން ހަ ވޯލްޑް ކަޕް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ 2006، 2010، 2014، 2018، 2022 އަދި 2026 ގެ ވޯލްޑް ކަޕްގައި ލަނޑު ޖަހާފައެވެ.
މީގެ އިތުރުން، މި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ލެޖެންޑް ޔޫސެބިއޯގެ ރެކޯޑް މުގުރާލައި، ވޯލްޑް ކަޕްގައި ޕޯޗުގަލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯގެ އެހީތެރިކަމާއެކު ޕޯޗުގަލްއަށް މިހާރު ވަނީ ނޮކައުޓް ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވެފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ވަނީ ފުރަތަމަ މެޗުގައި ޕޯޗުގަލް އެއްވަރުވުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީފައެވެ. އަދި ވޭތުވެދިޔަ ހަފުތާއަކީ އުނދަގޫ ހަފުތާއެއް ނަމަވެސް، ބުރަ މަސައްކަތާއި އަމިއްލަ ނަފްސަށް އޮތް އިތުބާރުގެ ސަބަބުން އަލުން ކާމިޔާބީއާ ހަމައަށް އާދެވުނުކަން އޭނާ ފާހަގަކުރިއެވެ.



