މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި (މީސަލްސް) ފެތުރެމުންދާ މި ދަނޑިވަޅުގައި، މިހާތަނަށް ޖުމްލަ 66 މީހަކަށް މި ބަލި ޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ބަލި ދެނެގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 569 ލެބޯޓްރީ ޓެސްޓު ހަދާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ބައްޔަށް ޝައްކުކުރެވޭ ފަރާތްތައް ވީހާވެސް އަވަހަށް ސްކްރީން ކުރެވޭނެ އިންތިޒާމުތައް މިހާރު ވަނީ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި ގާއިމުކޮށްފައެވެ.
ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި ފަރާތްތަކުގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.



