މި އަހަރުގެ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ އެކި އެހީތަކަށާއި މަޝްރޫއުތަކަށް ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 75.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ.
ޒަކާތު ފަންޑުން މިދިޔަ މަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން ޖުމުލަ 1.48 މިލިއަން ރުފިޔާ އެ ބަޔަށް ދޫކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ބޭސްފަރުވާގެ އެހީއެވެ. ބޭސްފަރުވާއަށް 1.45 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް 31,000 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ދީނީ އަދި ތައުލީމީ ކަންކަމަށް ކަނޑައެޅިފައިވާ ފީސަބީލިﷲ ބައިން ޖުމުލަ 1.03 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށް 7.5 ލައްކައަށްވުރެ ގިނަ ރުފިޔާ އާއި، އިސްލާމީ ފޮތްތައް ތަރުޖަމާކުރުމަށް 2.4 ލައްކަ ރުފިޔާ އަދި މަތީ ތައުލީމަށް އެހީވުމަށް 37,000 އަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.
ޒަކާތު ހައުސްއިން ބުނީ މި ހިސާބުތަކަކީ ފިނޭންސް މިނިސްޓްރީގެ އެސް.އޭ.ޕީ ސިސްޓަމްގައިވާ ރެކޯޑުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހިސާބުތަކެއް ކަމަށެވެ. އަދި ޒަކާތް ދައްކާ މިންވަރު އިތުރުވުމަކީ ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުން ހޭލުންތެރިވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.



