މި ދުވަސްވަރު ރާއްޖޭގެ ސްކޫލްތަކަށް ދުވާލަކު ގާތްގަނޑަކަށް 8،000 ކުދިން ހާޒިރުނުވާ ކަމަށާއި، އޭގެ ތެރެއިން ގިނައީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ކީސްޓޭޖް-3 2025 ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. މިއީ ވޯލްޑްކަޕް ދުވަސްވަރުކަން ފާހަގަކުރައްވައި، މިހާ ގިނަ އަދަދެއްގެ ކުދިން ސްކޫލަށް ނުދިއުމަކީ ބެލެނިވެރިންނާއި މުދައްރިސުން އަދި ކަމާބެހޭ ހުރިހާ ފަރާތްތަކުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“ސްކޫލަށް ހާޒިރު ނުވެ، ފިލާވަޅުތައް ގެއްލޭނަމަ ނަތީޖާއަށް އަސަރު ކުރާނެ. ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނުބައި އަސަރު ކުރާނެ ކަމެއް،” ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ތަކުރާރުވާނަމަ ދަރިވަރުން ސްކޫލަށް ދާން ބޭނުންނުވާ ހާލަތަކަށް ގޮސް، ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް އެކަމާ ކުރިމަތިލާން އުނދަގޫވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ވަޒަންކުރުމަށްޓަކައި މިދިޔަ މަހު ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މިހާރު ކޮންމެ ދުވަހަކު ވެސް ސްކޫލަށް ހާޒިރުވާ ކުދިންނާއި ނުވާ ކުދިންގެ އަދަދުތައް ވަކިން ބަލަމުންދާ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.



