މާލޭ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ފުންފަޅު ގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން ބުނި ގޮތުގައި، މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުން 25 މީހަކަށް އަދި އޭޑީކޭ ހޮސްޕިޓަލުން ތިން މީހަކަށް ވަނީ ފަރުވާ ދީފައެވެ. ފަރުވާ ދިން މީހުންގެ ތެރޭގައި ހަ މަހުގެ ކުޑަކުއްޖަކު ވެސް ހިމެނޭއިރު، އެ ކުއްޖާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އާންމުންގެ އެހީތެރިކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:49 ހާއިރުއެވެ. އެމްއެންޑީއެފްގެ ފަޔަރު ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ 11:48 ހާއިރުއެވެ. މި ހާދިސާގައި އެ ފަންގިފިލާގެ ތިން އެޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ 58 މީހަކަށް އެންޑީއެމްއޭ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 24 ފިރިހެނުންނާއި، 30 އަންހެނުންނާއި އަދި ހަތަރު ކުޑަކުދިންނެވެ. އަލިފާނުގެ ސަބަބުންނާއި ފެންވައިރުގެ މައްސަލަތަކާ ހުރެ ދިރިނޫޅެވޭ ވަރަށް ގެއްލުންވި އެޕާޓްމަންޓްތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.



