މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ 2026 ވަނަ އަހަރުގެ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ އިދާރާއިން އިތުރުކޮށްފިއެވެ. މި ބަދަލާ އެކު، ކުރިން 16 ޖުލައި 2026 އަށް ހަމަވާން އޮތް ސުންގަޑި މިހާރު ވަނީ 16 އޮގަސްޓު 2026 ގެ 14:00 އާ ހަމައަށް އިތުރުކޮށްފައެވެ.
މިދިޔަ މޭ މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓަރސް (ލެވެލް 9) އާއި ޕީ.އެޗް.ޑީ (ލެވެލް 10) އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ.
މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 40 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތު
- ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތު
- ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑާއެކު 5 ފުރުޞަތު
- އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް 5 ފުރުޞަތު
މީގެ އިތުރުން، އިޢުލާނުގައި ބަޔާންކޮށްފައިވާ އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕްރޮޕޯސަލު ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މިގޮތަށް ހުށަހަޅާއިރު، އެ ދާއިރާއަކުން ކިޔެވުމުން ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭންޖެހޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
ޒަކާތު ހައުސްއިން ބުނީ ސުންގަޑި އިތުރުކުރުމުގެ މަޤްސަދަކީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުން ކަމަށެވެ. އެހީއަށް އެދޭ ފަރާތްތަކުން 16 އޮގަސްޓު 2026 ގެ ކުރިން [email protected] އަށް އީމެއިލު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



