މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ކުރިއެކޭ އެއްގޮތަށް ކުނި ބަލައިގަތުމުގެ ޚިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ފެސިލިޓީތަކުން ކުނި ބަލައިގަންނަ މިންވަރު މީގެ ކުރިން އޮތީ މަދުކޮށްފައެވެ.
ވެމްކޯއިން ބުނި ގޮތުގައި، އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ޚިދުމަތްތަކަށް ބުރޫއަރައި، މާލެ ސަރަހައްދުގައި ކުނި ގިނަވުމުގެ ޝަކުވާތައް މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަދުން ފެށިގެން ޚިދުމަތް އާންމު ހާލަތަށް ރުޖޫޢަވެފައިވާއިރު، ސްޓޭޝަންތަކަށް ގެންނަ ކުނި ހުންނަންވާނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.
އާ އުސޫލުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުނި ނުވަތަ ސީއެންޑީ ކުނި ހުންނަންވާނީ ދެ ބަޔަކަށް ވަކިކުރެވިފައެވެ. އެއީ ވެއްޔާއި، ކޮންކްރީޓާއި، ތަށިމުށި ފަދަ ތަކެތި ހިމެނޭ “ގާކުނި” އަދި ޕީވީސީ، ލަކުޑި، ދަގަނޑު އަދި ޕްލާސްޓިކް ފަދަ ތަކެތި ހިމެނޭ “ސީއެންޑީ އެހެނިހެން ކުނި” އެވެ. މިގޮތަށް ވަކިކޮށްފައި ނުވާނަމަ ކުނި ބަލައިނުގަންނާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯގެ އަމާޒަކީ ކުނި އުފުލުމުގެ ނިޒާމު ހަރުދަނާކޮށް، މާލެ ސަރަހައްދުގެ މަގުމަތީގައި ކުނި ގިނަވިޔަ ނުދީ ބެލެހެއްޓުމެވެ. އެހެންކަމުން، ކުނި އުފުލާ ފަރާތްތަކުން ކުންފުނީގެ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބައި، ކުނި ވަކިކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.



