ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުތަކަށް ވާދަކުރެއްވުމަށް ހަތް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ. މި މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާއިރު، ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން މި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނީ ޕާޓީގެ މަތީ މަޖިލީހުގެ ވޯޓަކުންނެވެ.
ނައިބު ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ކެބިނެޓް ވަޒީރުންގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ޕީއެންސީގެ މިހާރުގެ ހިންގުމުގެ އޮނިގަނޑު އޮތްގޮތުން އެ ޕާޓީގައި މިވަގުތު ހަ ނައިބު ރައީސުން ތިއްބަވައެވެ. އޭގެ ތެރޭގައި މިހާރު ވެސް މަގާމުގައި ތިއްބެވި ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފާއި، މުހައްމަދު ސައީދާއި، އަހުމަދު ޝިޔާމްގެ އިތުރުން އިބްރާހިމް ޝުޖާއު އަދި މުހައްމަދު ހުސައިން ޝަރީފް ހިމެނިވަޑައިގަންނަވައެވެ. ކުރިއަށް އޮތް ކޮންގްރެސްގައި މި މަގާމުތަކަށް އަލުން މީހުން އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ.
ކޮންގްރެސް ބާއްވާނެ ވަކި ތާރީހެއް އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެގޮތުން ދާދި ފަހުން ބޭއްވި ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބުގައި 131 ދާއިރާއަކުން 2500 އަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިހާބުކޮށްފައިވެއެވެ.
ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި އެ ޕާޓީގެ މަތީ މަޖިލިސް ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ވަނީ ނިންމާފައެވެ.



