ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމަށް އަހުމަދު މަމްދޫހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
މަމްދޫހު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އޭނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އާއިޝަތު ޝުޖޫން މުހައްމަދެވެ.
މަމްދޫހު މި މަގާމަށް އައްޔަންކުރެއްވީ، 2024 އޭޕްރީލް މަހުން ފެށިގެން އެ މަގާމުގައި ހުންނެވި ފާތިމަތު މާހިރާ މުހައްމަދުގެ ބަދަލުގައެވެ. ނަމަވެސް އެ މަގާމު ހުސްވި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަހުމަދު މަމްދޫހަކީ ސްްރީލަންކާގެ ޔުނިވަރސިޓީ އޮފް ކެލަނިޔާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުކަމާއި އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރުކަން ހިމެނެއެވެ.



