ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި އަދި ވަގުފު އިމާރާތްތައް ހިމެނޭހެން އިސްލާމީ ކަންތައްތަކާ ގުޅޭ 81 އަށްވުރެ ގިނަ މަޝްރޫއު މިހާރުވެސް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އަލަށް ފަށާފައިވާ މަޝްރޫއުތަކާއި، ކުރީގެ ސަރުކާރުން ފަށާފައި ހުއްޓިފައި ހުރި މަޝްރޫއުތައް ނިންމުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކުވެސް، ސަރުކާރުން މަސައްކަތް ކުރަނީ މި މަޝްރޫއުތައް ނިންމުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ނިމިދިޔަ ރަމަޟާން މަހުގެ ކުރިންނާއި ރަމަޟާން މަހުގެ ތެރޭގައި ގާތްގަނޑަކަށް 20 މިސްކިތެއް ހުޅުވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫއުތައް ލަސްވެފައިވަނީ އެކަމަށް ބޭނުންވާ ފައިސާ އެކަށީގެންވާ ގޮތެއްގައި ހަމަޖެހިފައި ނެތުމުންނާއި، މަސައްކަތް ކުރުމުގެ ގާބިލުކަން ނެތް ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމުގެ ސަބަބުން ކަމަށް ޝަހީމް ތުހުމަތު ކުރެއްވިއެވެ.
މިނިސްޓަރު ޝަހީމް ވަނީ މިހާރު ކުރިއަށްދާ އިސްލާމީ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ބޭނުންވާ ފައިނޭންސިންގް ނުވަތަ ފައިސާ ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



