މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގާނޫނީ ޒިންމާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން، އެ މުއައްސަސާގެ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް އަމަލު ނުކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ. ކަސްޓަމްސްއިން މިކަމަށް އެދިފައިވަނީ އެ ސާވިސްގެ ތަސައްވުރު ކުލަބޯވާ ގޮތަށް ފަތުރަމުންދާ މައުލޫމާތުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ މުދަލާއި، ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެ މުއައްސަސާއާ މަތިކޮށްފައިވާ ލާޒިމް ޒިންމާއެއް ކަމަށެވެ. މި މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބަނދަރުތަކުގައި ގާއިމްކޮށްފައިވާ އެންމެހާ ވަސީލަތްތަކުގެ ބޭނުން ހިފަމުންދާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އިންޓެލިޖެންސް ރިޕޯޓްތަކަށް ބިނާކޮށް، ވަކިވަކި މުދަލާއި ފަސިންޖަރުން ފިޒިކަލީ ބަލައި ފާސްކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް އެ މުއައްސަސާއިން ވިދާޅުވިއެވެ. މިފަދަ ފާސްކުރުންތަކުގެ މައިގަނޑު މަގްސަދަކީ މަނާ ތަކެތި އެތެރެވުން ހުއްޓުވައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށްވެސް ބަޔާނުގައިވެއެވެ.
ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ، ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، އެ މުއައްސަސާގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދޭނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވަނީ ހަރުކަށިކޮށް އިލްތިމާސްކޮށްފައެވެ.



