ކުރިއަށް އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްއަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ މުހިންމު އަދި އެންމެ ކާމިޔާބު ޑިމޮކްރެޓިކް އެއްވުމަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކޮންގްރެސްއަށް ތައްޔާރުވުމަށް ޕީއެންސީގެ މެންބަރުންނަށް ގޮވާލައްވާފައެވެ. ރައީސް ސިފަކުރެއްވި ގޮތުގައި މިއީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މެންބަރުން ތަމްސީލުވާނެ ގައުމީ ފެންވަރުގެ ބޮޑު ހަރަކާތެކެވެ.
ރައީސް ވިދާޅުވީ މި ބައްދަލުވުމުން ސިޔާސީ މަތިވެރި އަހުލާގާއި، އެކުވެރިކަމާއި، އަދި އަހުލާގީ މިންގަނޑުތަކުގެ ތެރެއިން ނިންމުންތައް ނިންމުމުގެ ނަމޫނާ ފެނިގެންދާނެ ކަމަށެވެ. އަދި ކޮންގްރެސްގައި ނިންމާ ހުރިހާ ނިންމުންތަކަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ނިންމާނެ ނިންމުންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ކޮންގްރެސް މެދުވެރިކޮށް ޕާޓީގެ އެތެރޭގެ ހިންގުމާއި ކުރިއަށް އޮތް ސިޔާސަތުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.



