ރާއްޖޭގައި މިވަގުތު އޮތީ ސިޔާސީ ހަމަޖެހުން ކަމަށާއި، ގައުމުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، އާންމުކޮށް އިދިކޮޅު އެމްޑީޕީގެ ތާއީދު ބޮޑު ރަށެއްގެ ގޮތުގައި ބެލެވޭ އުކުޅަހުގެ ރައްޔިތުން މިހާރު ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަށް ތާއީދުކޮށްގެން ކަމަށެވެ.
ސިޔާސީ ހަމަޖެހުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް އަދި ރައްޔިތުންނަށްވެސް އެމީހުންގެ ޝުއޫރުތައް ފާޅުކުރުމުގެ މިނިވަންކަން އެބައޮތް ކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ކަހަލަ ސިޔާސީ ހަލަބޮލިކަމެއް ނެތް ކަމަށާއި، ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް މިނިވަންކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށްވެސް ރާފިއު ވިދާޅުވިއެވެ.
އުކުޅަހުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް
އުކުޅަހުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި ވޮލީ ކޯޓެއްވެސް ހުޅުވިފައިވާ ކަމަށެވެ. މި ސަރުކާރުގެ ދަށުން އެ ރަށުގެ ތަރައްގީގެ މަސައްކަތްތައް ވަނީ ހަލުވިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ރާފިއު އިތުރަށް ވިދާޅުވީ، ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ ދާއިރާއިން ލިބެމުންދާ ކުރިއެރުންތައް ރައްޔިތުން ބަލައިގަންނަމުންދާ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީއެންސީން ކުރާ މަސައްކަތުގައި އުކުޅަހަކީ މުހިންމު ދައުރެއް އަދާކުރާނެ ރަށެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



