ރާއްޖޭގެ ހަ އަތޮޅެއްގެ 15 ސަރަހައްދެއްގައި ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ހާއްސަ ކަމެއްގެ ގޮތުން ތިން ސަރަހައްދެއްގައި ހަލާލް ޓޫރިޒަމްގެ ރިސޯޓުތައް ހިންގުމަށް ވަނީ ކަނޑައަޅާފަ އެވެ.
ހަލާލް ޓޫރިޒަމަށް ހާއްސަކޮށްފައިވަނީ ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެކެވެ. މި ތަންތަނުގައި ރިސޯޓު ހިންގަން ޖެހޭނީ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށެވެ. އެގޮތުން އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ހިދުމަތްތައް ދިނުން މި މަޝްރޫއުތަކުގައި ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އުތުރުގެ 10 ފަޅެއްގައި ރިސޯޓު ހަދަން ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ހއ. މާދުނި ފަރު، ހދ. މަކުނުދޫ ފަރު، ހދ. މާފަރު އަދި ށ. ގޮނާ ފަރުގެ ސަރަހައްދުތައް ހިމެނެ އެވެ. އަދި ކުރިން ވެސް ރިސޯޓު ހަދަން އިއުލާންކޮށްފައިވާ ށ. ނަލަންދު އާއި ނ. ފަރުމުލީގައި ރިސޯޓު ހިންގާނެ ބަޔަކު ހޯދަން ވެސް ވަނީ އަލުން އިއުލާންކޮށްފަ އެވެ.
މި މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 17 އާއި 23 އާ ދެމެދުގެ ތާރީހުތަކުގަ އެވެ. މި ތަންތަން ކުއްޔަށް ދޫކުރަނީ 50 އަހަރުގެ މުއްދަތަށެވެ. ސަރުކާރުން ވަނީ މި މަޝްރޫއުތަކަށް ބީލަން ހުށަހަޅާ ފަރާތްތަކަށް އިމްޕޯޓް ޑިއުޓީން ހާއްސަ އިނާޔަތްތަކެއް ދޭން ނިންމާފަ އެވެ. އެގޮތުން އާންމު ރިސޯޓުތަކަށް 15 ޕަސެންޓުގެ އިނާޔަތެއް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް 20 ޕަސެންޓުގެ އިނާޔަތް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.



