ލާމު އަތޮޅުން ފުރައިގެން ގާފު ދާލު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔަ “ފްރެންޑް 4” ސަޕްލައި ބޯޓު އޮތް ސަރަހައްދަކީ ގާތްގަނޑަކަށް 1,645 މީޓަރު ފުން ސަރަހައްދެއް ކަމަށް ލަފާކުރެވޭތީ، އެ އުޅަނދު އަލުން މައްޗަށް ނެގުމަކީ ދަތި ކަމެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ. މި ބޯޓު އަޑިއަށް ގޮސްފައިވަނީ ގާފު ދާލު ކުޑަލަފަރީގެ ބޭރުން 4.1 ނޯޓިކަލް މޭލު ބޭރަށެވެ.
ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައީ ބޮޑު ރާޅެއް އަރައި އުޅަނދަށް ފެންވަންނަން ފެށުމުގެ ސަބަބުންނެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމްލަ އަށް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ކެޕްޓަން މުހައްމަދު ހަމްދޫންގެ އިތުރުން ބިދޭސީ ހަތް މީހުންނެވެ. ބިދޭސީ ހަތް މީހުން ސަލާމަތް ކުރެވުނު ނަމަވެސް، ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު ކެޕްޓަނާއި، އެމްއެންޑީއެފްގެ ސިފައިންގެ މީހަކާއި، ފުލުހަކު ވަނީ ގެއްލިފައެވެ.
ގެއްލުނު ތިން މީހުން ހޯދުމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ވައިގެ މަގުން 5,200 އަށްވުރެ ގިނަ ނޯޓިކަލް މޭލު އަދި ކަނޑު މަގުން 1,070 އަށްވުރެ ގިނަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، ގެއްލުނު ތިން މީހުން މަސައްކަތް ކުރަމުން ދިޔައީ ބޯޓަށް ވަންނަމުންދިޔަ ފެންތައް ޕަމްޕު ބޭނުންކޮށްގެން ބޭރުކުރުމަށެވެ. ނަމަވެސް އެ މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް ބޯޓު އެއް އަރިއަކަށް އަރިވެގެން ގޮސް ވަނީ އަޑިއަށް ގޮސްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ވެސް ބޯޓަށް ފެންވަދެ ވަރަށް އަވަހަށް އަޑިއަށްދާ މަންޒަރު ފެނެއެވެ



