މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ގދ. ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެޅުނު މުހިއްމު ފިޔަވަޅެކެވެ.
މި އައު ޚިދުމަތާއެކު، ގދ. އަތޮޅުގެ ރައްޔިތުންނަށް މިހާރު ދެ ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބިގެންދާނެއެވެ. ޕާސްޕޯޓަށް އެދި “އިމުގާ” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޕާސްޕޯޓާ ހަވާލުވުމަށް ނުވަތަ “ކަލެކްޝަން ޕޮއިންޓް” އެއްގެ ގޮތުގައި ތިނަދޫ ސިޓީގެ އިތުރުން މިހާރު ގައްދޫ ވެސް އިޚްތިޔާރު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުންދިޔަ ޚިދުމަތްތައް ރަށްރަށުން ލިބޭނެ ގޮތް ހެދުމެވެ. މިގޮތުން ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިމިގްރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.



