ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމް އަށާއި، ބޮޑުވަޒީރު ލޯރެންސް ވަންގްގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ވަނީ ރައްދުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ބަދަހި ރަހުމަތްތެރިކަމުގެ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި މި ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި، އިހުތިރާމާއި، ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ތަރައްގީއަށް ކުރާ ގުޅިފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސިންގަޕޫރަށް އިތުރު ކުރިއެރުމާއި، އެއްބައިވަންތަކަމާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މެސެޖު ނިންމަވާލައްވާފައެވެ.



