ހުޅުމާލެ ސާފުތާހިރުކޮށް ބެހެއްޓުމަކީ ހަމައެކަނި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ އެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ޒިންމާއެއް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. ޒުހައިރު މިހެން ވިދާޅުވީ “މަދިރިން ރައްކާ” ކެމްޕޭނުގެ ދަށުން ހުޅުމާލޭގެ “އަމާން ދޯދި” ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
ޒުހައިރުގެ ވާހަކަފުޅުގައި ދިވެހިންނަކީ ޒާތުގައި ސާފުތާހިރުކަމަށް ލޯބިކުރާ، ހިނިތުންވުމާއެކު އުޅޭ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި އަވަށްޓެރި ގައުމުތަކުގައި އުޅޭއިރު ވެސް ދިވެހިންނަކީ ނަމޫނާ ބައެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި، ރަށްރަށުގެ ވެށި ސާފުކޮށް ބެލެހެއްޓުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ރީތި އާދަކާދައެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ. ނަމަވެސް މިފަދަ ރަނގަޅު އާދަތައް ނެތެމުންދިއުމަކީ ތަފާތު މައްސަލަތައް ކުރިމަތިވާ ސަބަބެއް ކަމަށް ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެކަނިވެސް 40،000 އެއްހާ މީހުން ދިރިއުޅެމުންދާކަން ފާހަގަކުރައްވައި ޒުހައިރު ވިދާޅުވީ، އެހާ ބޮޑު އާބާދީއެއް އޮތް ތަނެއް ސާފުކޮށް ބޭއްވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. މިއީ ހަމައެކަނި އެޗްޑީސީ ނުވަތަ އެފްޑީސީން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ކޮންމެ މީހަކުވެސް އަމިއްލަ ޒިންމާއެއްގެ ގޮތުގައި މިކަން ދެކެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީން ކުރިއަށްގެންދާ މި ކޮމިއުނިޓީ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ހިތްގައިމު އަދި ސާފު މާހައުލެއް ފޯރުކޮށްދިނުން ކަމަށް ޒުހައިރު ވިދާޅުވިއެވެ. އެހެންކަމުން، ހުޅުމާލޭގެ ވެށި ރީތިކޮށް ބެލެހެއްޓުމުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި ބައިވެރިވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
‘މަދިރިން ރައްކާ’ ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އެފްޑީސީއާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެންމެ ގިނަ އަދަދަކަށް ކުނި ޖަމާވެފައި އޮތް ފަހި ފްލެޓްތައް ހިމެނޭ ސަރަހައްދު ސާފުކޮށް، ބަލިމަޑުކަމުން ރައްކާތެރިވުމެވެ.
އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މަލްޝާ ޝަރީފް ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ނެގުނު 670 ޓަނުގެ ކުންޏަކީ ގާތްގަނޑަކަށް 450 އާއި 500 އާ ދެމެދުގެ އަދަދެއްގެ ކާރުގެ ބަރުދަން ކަމަށެވެ.



