ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، ނ. މާޅެންދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ. އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕާކު ހުޅުވައިދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ހުސައިންއެވެ.
މާޅެންދޫ ޕާކާއެކު، ނ. އަތޮޅުގެ ފަސް ރަށެއްގައި މިހާތަނަށް ވަނީ ޕާކުތައް ނިންމައި ހުޅުވާފައެވެ. އެއީ މާޅެންދޫގެ އިތުރުން ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ އަދި ނ. ކުޑަފަރީގައި ޤާއިމްކުރި ޕާކުތަކެވެ.
މުޅި ރާއްޖޭގެ 46 ރަށެއްގައި ޕާކު ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ. އެ ކުންފުނިތަކަކީ ފެނަކަ، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ އަދި އެޗްޑީސީ އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި 14 ރަށެއް ހިމެނޭއިރު، ދެވަނަ ބެޗްގައި 32 ރަށެއްގައި ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ ކުޑަކުދިންނަށް ރައްކާތެރި އަދި އުފާވެރި މާޙައުލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.



