ރާއްޖޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަޙްމަދު ސާއިދުގެ ޞިއްޙީ ޙާލަތު ގޯސްވެ، ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ކިޑްނީ ފެއިލްވުމުގެ މައްސަލައާ ކުރިމަތިލަމުންދާ ސާއިދުގެ ޙާލަތު ސީރިއަސްވީ ރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސާއިދުގެ ޙާލު ބޮޑުވީ ޑަޔަލިސިސް ހަދަމުން ދަނިކޮށެވެ. އޭނާއާ ގާތް ފަރާތްތަކުން ބުނާ ގޮތުގައި ޑަޔަލިސިސް ހަދަމުން ދަނިކޮށް ސާއިދަށް ވަނީ ސްޓްރޯކެއް ޖެހިފައެވެ. އަދި މިހާރު އޭނާގެ ޙާލަތު ސްޓޭބަލް ނޫން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ސާއިދުގެ ޙާލަތު މިހާ ބޮޑަށް ގޯސްވެފައި މިވަނީ، ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖޭއިން ބޭރަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު، ކިޑްނީ ހަދިޔާކުރާނެ ފަރާތެއް ހޯދައި، ފަރުވާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
ސާއިދުގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެ ދުވަސްވަރު ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ކިޑްނީ މަސައްކަތް ކުރަނީ އެންމެ 13 އިންސައްތައިގައި ކަމަށެވެ. ނަމަވެސް، މި ޞިއްޙީ ގޮންޖެހުންތަކާއެކު ވެސް ސާއިދު ވަނީ ކުޅިވަރު ނޫސްވެރިކަމުގައި ސާބިތުކަމާއެކު ދެމިހުރެފައެވެ.
އަޙްމަދު ސާއިދަކީ ރާއްޖޭގެ ކުޅިވަރު މައިދާނުގައި ފާހަގަކޮށްލެވޭ ކޮމެންޓޭޓަރެއްގެ އިތުރުން، އެކި ކުޅިވަރު ޕްރޮގްރާމްތަކުގެ ޕްރެޒެންޓަރެއްގެ ގޮތުގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ.



