ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، ޤައުމުގެ މުސްތަޤްބަލު ބައްޓަންކުރުމުގައި ދިވެހި ޒުވާނުންގެ އޮތް މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އަލިއަޅުވާލައްވައިފިއެވެ.
އެކްސް މެދުވެރިކޮށް ފޮނުއްވި މި މެސެޖުގައި ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަކީ ޤައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށެވެ. އަދި ޒުވާނުންގެ އީޖާދީ ވިސްނުމަށާއި، ޢަޒުމަށާއި، މުޖުތަމަޢުތަކަށާއި ޤައުމީ ތަރައްޤީއަށް ޚިދުމަތްކުރުމަށް އެމީހުންގެ ކިބައިގައި ހުރި ޤާބިލުކަމަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.
މީގެއިތުރުން ޒުވާނުންނަށް މަތީ ތަޢުލީމާއި، ހުނަރު ތަރައްޤީކުރުމާއި، ފައިދާހުރި ވަޒީފާގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ޒުވާނުންގެ އަމާޒުތަކާއި އުންމީދުތަކަކީ ޤައުމުގެ މުސްތަޤްބަލުގެ މުހިންމު ބައެއް ކަމަށެވެ.
ތަޢުލީމީ މަރުޙަލާއިން ވަޒީފާގެ މައިދާނަށް ނުކުތުމުގައި ޒުވާނުންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ.
އޭގެ ތެރޭގައި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ނޭޝަނަލް ސަރވިސް ޕްރޮގްރާމް ހިމެނެއެވެ. ނޭޝަނަލް ސަރވިސް ޕްރޮގްރާމްގެ ދަށުން ދިވެހި ޒުވާނުން ތަމްރީނުކުރަން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ފުރަތަމަ ބެޗުގައި 107 ރަށަކުން 343 ޒުވާނުން ބައިވެރިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން އިތުރަށް ފާގަތި، ތަޙައްމަލުކުރުމުގެ ބާރުހުރި އަދި ދެމެހެއްޓެނިވި ރާއްޖެއެއް ބިނާކުރުމުގައި ދިވެހި ޒުވާނުންނަށް ޙިއްޞާވެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ފާޅުކުރެއްވިއެވެ.



