ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމުތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަސް ފަނޑިޔާރުން އައްޔަންކޮށްފިއެވެ. މި ފަނޑިޔާރުން މަގާމުގެ ހުވާ ކުރެއްވުން އޮތީ ބުރާސްފަތި ދުވަހުއެވެ.
ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާފައިވަނީ ތިން ބޭފުޅެކެވެ. އެއީ ޅ. ކުރެންދޫ ނޫރާނީމާގެ، ސުލައިމާން މުހައްމަދާއި، ހއ. ދިއްދޫ ދައިޒީމާގެ، އަހުމަދު ތައުފީގު އަދި ތ. ވޭމަންޑޫ ޑްރީމް، މުހައްމަދު އަބްދުއްﷲ އެވެ.
ސުލައިމާން މުހައްމަދަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ބެޗްލާސް ޑިގްރީ (އޮނާސް) ހާސިލުކުރައްވައި، ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައެވެ. އަހުމަދު ތައުފީގަކީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ހިމެނޭހެން ގާނޫނީ ދާއިރާގައި 18 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. މުހައްމަދު އަބްދުއްﷲ ވަނީ 2017 ސެޕްޓެމްބަރުން ފެށިގެން ސީނިއާ ޕްރޮސެކިއުޓާގެ މަގާމު އަދާކުރައްވާފައެވެ.
ސިވިލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން
ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާފައިވަނީ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް، މުހައްމަދު ނިޝާތު އަދި ރ. ހުޅުދުއްފާރު ރޯޒްވިއްލާ، އާސިޔާ އަޒީމާއެވެ.
މުހައްމަދު ނިޝާތަކީ ގާނޫނީ އަދި ޝަރުއީ ދާއިރާގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގަންނަވައިގެން ހުންނެވި ބޭފުޅެކެވެ. އާސިޔާ އަޒީމާ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގަލް އޮފީސަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރ އޮފް ގަލް އެފެއާޒްގެ މަގާމު އަދާކުރައްވާފައެވެ.



