ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށް 100 އަށްވުރެ ގިނަ ފާމަސިސްޓުން ބޭނުންވާކަމަށް ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ. .
ޕީއެސްއެމް ނިއުސްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ، އާންމުންނަށް ބޭސް ދޫކުރާ ފާމަސީތަކަށް ބޭނުންވާ އަދަދަށް މިވަގުތު ފާމަސިސްޓުން ނެތް ކަމަށެވެ. އަދި ފަހަކަށް އައިސް ފާމަސިސްޓުން ހޯދުމަށް ކުރި އިއުލާނުތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ރާއްޖެއިން ބޭރުން ފާމަސިސްޓުން ގެނައުމަށް ވިސްނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއެކު އެއްބަސްވުމެއް ގާއިމުކޮށް، ދަރިވަރުން ފާމަސީ ދާއިރާއިން ތަމްރީނުކުރުމަށާއި، ކިޔަވަމުންދާއިރު އަމަލީ ތަޖުރިބާ ހޯދައިދީ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޑރ. ޝާހު ފާހަގަކުރެއްވިއެވެ. އަދި އިތުރު ދެ ތައުލީމީ މުއައްސަސާއަކާއެކު ވެސް މިފަދަ މަޝްވަރާތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ޝާހު އިތުރަށް ވިދާޅުވީ، ފާމަސިސްޓުންގެ މުސާރައަށް ބަދަލު ގެނައުމަކީ މުވައްޒަފުން ހޯދުމަށް މުހިންމު ކަމެއް ކަމަށެވެ. ހަމައެއާއެކު ކްލިނިކަލް ފާމަސިސްޓުންނާއި ޑޮކްޓަރުންގެ އިތުރުން ލޮޖިސްޓިކްސް އަދި ވެއަރހައުސް މެނޭޖްމަންޓް ދާއިރާއިން ވެސް މީހުން ތަމްރީނުކުރުމަށް އިސްކަންދެއްވާ ކަމަށް ވިދާޅުވިއެވެ.
ސްޓޭޓްފާމާއިން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 193 ފާމަސީ ހިންގަމުން ގެންދެއެވެ.



