މި ހިނގާ އޯގަސްޓް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެއަށް އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޯގަސްޓް 1 އިން 15 ގެ ނިޔަލަށް ރާއްޖެއަށް 105،105 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 100،670 ފަތުރުވެރިންނާ އަޅާބަލާއިރު %4.5 ގެ ކުރިއެރުމެކެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 1،359،767 އަށް އަރާފައެވެ. އަދި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5،990 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށްވެސް ހިސާބުތަކުން ދައްކަފައިވެއެވެ.
އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން، ގިނަ މީހުން ޗުއްޓީ ހޭދަކުރީ ރިޒޯޓްތަކުގައި
ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިޒޯޓްތަކުގައެވެ. އެގޮތުން ރިޒޯޓްތަކުގައި 977،443 ފަތުރުވެރިން މަޑުކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 296،822 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެގައުމުން މިހާތަނަށް 245،268 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި 195،973 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 104،563 ފަތުރުވެރިން ޒިޔާރަތްކުރި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އެވެ. މީގެއިތުރުން އިޓަލީން 86،765 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 81،985 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ފަތުރުވެރިކަން މިހާރު ދަނީ ބާރަށް ކުރިއަރަމުންނެވެ. މި ދާއިރާ އަލުން ކުރިއެރުވުމަށްޓަކައި ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް ގުޅިގެން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަންވެސް ފާހަގަކުރެވެއެވެ.



