އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން، އަލަށް ޤާއިމުކުރި ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ނިޒާމުން ކަރަންޓު އުފައްދަން ފެށި ފުރަތަމަ ރަށަކަށް ބ. އޭދަފުށި ވެއްޖެއެވެ. މި ނިޒާމު ރަސްމީކޮށް އިފްތިތާޙުކޮށް، ރަށުގެ ކަރަންޓު ވިއުގައާ ގުޅާލަދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޠާރިޤު އިބްރާހީމެވެ.
އޭދަފުށީގައި ޤާއިމުކުރެވުނު މި ނިޒާމުގައި ހިމެނެނީ 1.2 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމަކާއި 1.5 މެގަވޮޓް-އަވަރގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެކެވެ. މި ދެ ނިޒާމު އެކުލެވިގެން ދިނުމުގެ ސަބަބުން، ޑީސަލް ޖަނަރޭޓަރުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، އޭދަފުށީގެ ކަރަންޓު ވިއުގައަށް އިއާދަކުރަނިވި ހަކަތަ އިތުރަށް ގުޅުވައިލުމަށް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުން ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުވެގެންދާނެއެވެ. އަދި ހަކަތަ އުފެއްދުމަށްޓަކައި ރާއްޖެއަށް އެތެރެކުރަންޖެހޭ ތެލުގެ މިންވަރު ދަށްކުރުމަށް ވެސް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އެރައިޒް މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން އިތުރު އަށް ރަށެއްގައި މިފަދަ ނިޒާމުތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޖުމްލަ ނުވަ ރަށުގައި އެކުއެކީ 11 މެގަވޮޓްގެ ސޯލާ އުފެއްދުމުގެ ޤާބިލުކަން ޤާއިމުކުރެވޭނެ އެވެ. މިއީ އެރައިޒް މަޝްރޫޢުގެ ވަކި ސަބް-ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ސޯލާ މަޝްރޫޢެވެ.
މި މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، ކަރަންޓު ދިނުމުގެ ދާއިރާގައި އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ ފުޅާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ފިޔަވަޅެކެވެ. އޭދަފުށީގެ ނިޒާމު މިހާރު އޮޕަރޭޝަނަށް ގެނެވިފައިވާއިރު، މި މަޝްރޫޢުގައި ހިމެނޭ އެހެން ރަށްރަށުގައި މި ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.



